Eid Alhaa عيد الأضحى

އަޟްޙާ ޢީދަކީ އިސްލާމްދީނުގައި ޝިޢާރެއްގެ ގޮތުން އުފާ ފާޅުކުރަން އޮންނަ ދެ ޢީދުގެ ތެރެއިން އެއް ޢީދެވެ. އެއީ ކޮންމެ ހިޖުރީ އަހަރެއްގެ ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހަށްވާއިރު، މިއީ ޙައްޖުގެ އަޅުކަމަށްފަހު ފާހަގަކުރާ އުފާވެރި ދުވަހެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ މުސްލިމުން ދީނީ ޝިޢާރުތައް ފާޅުކޮށް އެމީހުންގެ އުފާތައް އެކަކު އަނެކަކާ ޙިއްޞާކޮށް، އެއްބައިވަންތަކަން ފާޅުކުރާ އުފާވެރި ދުވަހެވެ. އަޟްޙާ ޢީދު ޝަރުޢުކުރެއްވީ ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައެވެ. ނަބަވީ ސީރަތުގެ ފިޤުހުވެރިން ވިދާޅުވާގޮތުގައި ކީރިތި ރަސޫލާ صلَّى الله عليه وسلَّم ކުރެއްވި ފުރަތަމަ ޢީދު ނަމާދަކީ ފިޠުރު ޢީދު ނަމާދެވެ. އެއީވެސް ހިޖުރައިން ދެވަނަ އަހަރުއެވެ. ޞައްޙަ ސަނަދުން ސާބިތުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އިރު މަދީނާގެ އަހުލުވެރިން ދެ ޢީދެއް ފާހަގަކުރަމުން ދާތީ ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ތިޔަބައި މީހުންނަށް މާ ހެޔޮކަން ބޮޑު ދެ ޢީދެއް ދެއްވައިފިއެވެ. އެއީ ފިޠުރު ޢީދާއި ޢަޟްޙާ ޢީދެވެ.