Eid Al Fithr عيد الفطر

    ފިތުރު ޢީދަކީ ބަރަކާތްތެރި ރަމަޟާންމަހު ނަފްސުގެ އެދުންތަކާއި ހަވާ ނަފުސާ ދެކޮޅަށް ކުރި ވަރުގަދަ ޖިހާދުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް ނިޢުމަތްތަކުގެ ވެރި ﷲ އަށް ތަކުބީރު ކިޔާ މުސްލިމުން އެކަކު އަނެކެއްގެ ހާލުބަލާ އުފާކުރުމުގެ ދުވަހެކެވެ. ފިޠްރު ޢީދު ފެށެނީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސި ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ފެށުމުންނެވެ. ޝަރުޢީ ގޮތުން ފިޠްރު ޢީދު ދުވަހުގެ މުއްދަތަކީ އެންމެ ދުވަހެކެވެ. أنس بن مالك رضي الله عنه ވިދާޅުވެފައިވަނީ ކީރިތިރަސޫލާ صلَّى الله عليه وسلَّم މަދީނާ އަށް ވަޑައިގެންނެވި އިރު މަދީނާގެ އަހުލުވެރިން ދެދުވަހެއްގައި ކުޅިވަރުކުޅެ އުފާފާޅުކޮށް ހަދާ ދެދުވަހަކާއި ބެހޭގޮތުން ސުއާލުކުރެއްވުމުން އެއީ ޖާހިލިއްޔަ ޒަމާނުގައި އެބޭކަލުން ކުޅިވަރު ކުޅެ ހަދާ ދެދުވަސްކަމުގައި ދެންނެވުމުން ހަދީޘުކުރެއްވިއެވެ. އެދެދުވަހުގެ ބަދަލުގައި މާތް ﷲ ތިޔަބައިމީހންނަށް އެއަށްވުރެ މާރަގަޅު ދެދުވަސް ވަނީ ދެއްވާފައެވެ. އެއީ އަޟްޙާ ޢީދު ދުވަހާއި ފިޠްރު ޢީދު ދުވަހެވެ. އެއީ މިޙަދީޘުގައިވާ ފަދައިންނެވެ. (عن أنس بن مالك رضي الله عنه قال: (قَدِمَ رَسُوْلُ اللَّهِ صَلَّى اللهُ عليهِ وسلَّمَ المدينةَ وَلَهُمْ يَوْمَانِ يَلْعَبُوْنَ فِيْهِمَا، فقالَ: مَا هذانِ الْيَوْمَانِ؟ قالُوْا: كُنَّا نَلْعَبُ فِيْهِمَا فِي الْجَاهليَّةِ، فقالَ رَسُوْلُ اللَّهِ صلَّى اللهُ عليهِ وسلَّمَ : إنَّ اللَّهَ قَدْ أبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْم الْأضْحَى وَيَوْمَ الْفِطْرِ) رواه ابوداود. ޢީދުގެ ސަބަބުން މީހުންގެ މެދުގައި އުފަލާއި ހިތްހަމަ ޖެހުން ގެނެސްދެ އެވެ. އެދުވަހުގައި ފިޠްރު ޒަކާތް ދެވުމުން ފަޤީރުންނަށް ތަނަވަސްކަން ލިބެއެވެ. ހިތްތައް ސާފުވެ ދެކޮޅުވެރިކަން ނެތިދެއެވެ. މީސްތަކުންގެ މެދުގައި ލޯތްބާއި ކުލުނުވެރިކަން އިތުރުވެ އޯގާތެރިކަން އާވެ އާލާއެވެ. މިއީ މީސްތަކުންގެ މައްޗަށްވާ، މާތް ﷲ ގެ ރަޙްމަތް ބަޔާންކޮށްދޭ ހަގީގަތެކެވެ.